Blogs

މި ސެޕްޓެމްބަރު މަހު ދުނިޔޭގައި ‘ހެލްތީ އެޖިންގ’ މަސް ފާހަގަކުރާއިރު، މުސްކުޅި އާބާދީއަށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް ފާހަގަކޮށްލަމާ ހިނގާށެވެ. ސިއްހީ ދުޅަހެޔޮކަމުގެ އެކި ކަންކަމުގެ ތެރެއިން ލޮލުގެ ސިއްހަތަކީ މުހިންމު ކަންބޮޑުވުމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ލޮލުގެ ފެނުމަކީ ދިރިއުޅުމުގެ ފެންވަރާއި، ސިއްހަތު ދެނެގަތުމަށް ވަރަށް މުހިންމު އެއް ހިއްސުވެސްމެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ލޮލުގެ ފެނުމަކީ ދުވަހުން ދުވަހަށް ކުރާ ކަންކަމާއި، އެހެން މީހުންނާ ގުޅުން ބަދަހިކުރުމާއި، ކުރިމަތިވެދާނެ ނުރައްކާތަކުން ދުރުހެލިވުމަށް ކޮންމެހެން ބޭނުންތެރި ހިއްސެކެވެ. އުމުރުން ދުވަސްވާ ވަރަކަށް ލޮލަށް ގުދުރަތީ ބަދަލުތަކެއް އަންނައިރު، ގަވާއިދުން ލޮލަށް ފަރުވާ ދިނުމާއި އުމުރާ ގުޅުން ހުރި ލޮލުގެ މައްސަލަތައް އަވަހަށް ދެނެގަތުމަކީ ލޮލުގެ ފެނުން އެންމެ ރަނގަޅު ގޮތުގައި ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

 

އުމުރާ ގުޅުންހުރި ލޮލުގެ އާންމު ހާލަތްތައް:

ބައެއް ލޮލުގެ މައްސަލަތަކަކީ އުމުރުން ދުވަސްވާވަރަކަށް އާންމުވެގެންދާ މައްސަލަތަކެކެވެ. އުމުރާ ގުޅުންހުރި ލޮލުގެ އެންމެ އާންމު ބައެއް ބަލި ނުވަތަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ؛

ޕްރެސްބައިއޯޕީއާ: މިއީ ލޮލުގެ ލެންސަށް އަންނަ ބަދަލުތަކުގެ ސަބަބުން ފޮތް ކިޔުންފަދަ ކްލޯޒް އަޕް ކަންކަމަށް ފޯކަސް ކުރަން އުނދަގޫވުންފަދަ ކަންކަން މެދުވެރިވާ ކަމެކެވެ.

ކެޓަރެކްޓް: މިއީ ލޮލުގެ ގުދުރަތީ ލެންސް ފުސްވުމުން ލޮލުގެ ފެނުން ނުސާފުވުމާއި، ލޮލުގެ ކަޅީގެ ބާރު ދެރަވުމާއި، ރޭގަނޑު ފެނުމަށް އުދަނގުވުން ފަދަ ކަންކަން މެދުވެރިވާ ކަމެކެވެ.

އޭޖް ރިލޭޓެޑް މެކިއުލަރ ޑިޖެނެރޭޝަން (އޭއެމްޑީ): މިއީ ރެޓިނާގެ މެދުތެރޭގެ ބަޔަށް (މެކިއުލާ) އަސަރުކޮށް، ފެނުން ނުސާފުވެ، ފޮތް ކިޔުންފަދަ މަސައްކަތްތަކަށް އުގަނގުވާފަދަ ކަމެކެވެ.

ގްލައުކޮމާ: ގްލައުކޮމާ އަކީ ލޮލުގެ ނާރަށް ގެއްލުން ލިބި، މަޑުމަޑުން ލޮލުގެ ފެނުން ގެއްލި، ފަރުވާ ނުދީފިނަމަ ލޯފަންވުންވެސް މެދުވެރިވާ ކަމެކެވެ.

ޑްރައި އައި ސިންޑްރޯމް: މިއީ ލޮލުން އެކަށީގެންވާ ވަރަށް ކަރުނަ ނުއުފެދި ނުވަތަ ކަރުނައިގެ ފެންވަރު ދަށްވެ، އޭގެ ސަބަބުން ލޮލަށް އުނދަގޫތަކާއި ރިއްސުން ކުރިމަތިވެދާ ކަމެކެވެ.

 

ލޮލުގެ ސިއްހަތު ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް:

 ގަވާއިދުން ލޮލުގެ ސިއްހަތު ބެލުން: އުމުރުން ދުވަސްވީ މީހުން މަދުވެގެން އަހަރަކު އެއްފަހަރު ލޮލުގެ ފެނުމާއި ސިއްހަތު ބަލަންވާނެއެވެ. މިއީ ލޮލުގެ މައްސަލަތައް އަވަހަށް ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ.

ސިއްހަތަށް ރަގަޅު ކާނާ ކެއުން: ރަނގަޅު ކާނާ ކެއުމަކީ ލޮލުގެ ސިއްހަތަށް އެހީތެރިވެދޭ ކަމެކެވެ. ފަތް، މަސް، މޭވާ، އަދި ނަޓްސް އަކީ ކެއުމުގައި ހިމަނަން ރަގަޅު ތަކެއްޗެވެ.

ޔޫވީ ޕްރޮޓެކްޝަން އަވިއައިނު ބޭނުންކުރުން: ކެޓަރެކްޓް އަދި އޭއެމްޑީ އަށް މަގުފަހިކޮށްދޭ ޔޫވީ ރޭސް ނުވަތަ އިރުގެ ދޯދިން ރައްކާތެރިވުމަށް 100 އިންސައްތައަށް ޔޫވީ ބްލޮކްކުރާ އަވިއައިނު ބޭނުން ކުރަންވާނެއެވެ.

 

އިތުރު މައުލޫމާތު ނުވަތަ އެޕޮއިންޓްމަންޓެއް ބޭނުންވާނަމަ 3321026 އަށް ގުޅުއްވާ.